Saturday, June 20, 2009

ލޭބަރުންނާއި މެމްބަރުން ނަމާދު ވަގުތަކަށް އިހްތިރާމް ނުކުރެއެވެ

މިލިޔުން ލިޔުނުތާ 2 ދުވަސް ފަހުން ރަތްޔިތުންގެ މަޖްލިސްގެ ގަޑިއަށްވަނީ ވަރަށް ހެޔޮ ބަދަލެއްގެނެސްފައެވެ. އެއްވެސް ހާލެއްގައި މަޖްލިސްއަށް އެގަނައި ބަދަލަކީ މިލިޔުމުގެ ސަބަބުން ގެނައި ބަދަލެއްނޫނެވެ. އެޙިޔާލު އެބޭފުޅުންނަށް ކުރިން އައިސްފައިވުމާއިއެކު މިހާރު އެކަން ކުރީކަމަށް ގަބޫލް ކުރެވެއެވެ.

މިދިވެހިރާއްޖެއަކީ ސައްތަ ސައްތައިން މުސްލިމުން އުޅޭ ގަވްމެކޭ ބުނާ އަޑު އަހަމެވެ. މަދުން ނަމަވެސް ދީނުގެ އެންމެ އާދައިގެ ކަންތަކަށްވެސް ހީނުކުރާކަހަލަ މީހުން އިހްތިރާމް ނުކުރާކަންވެސް ފާހަގަ ކުރެވެއެވެ. ދީނުގެ ކަންތައްތައް ދަމަހައްޓާ އަދި ނަގަހައްޓަން މިގަވްމުގައިވެސް އިސްލާމީ ބޮޑު ވުޒާރާއެއް ހުރެއެވެ.

ނަމާދަކީ މުސްލިމުން ނުހަނު ފަރުވާތެރިވާންޖެހޭ ބޮޑު އަޅުކަމާކާމެދު އެއްވެސް ދިވެއްސަކު އިންކާރެއް ނުކުރާނެއެވެ. އެގޮތުން ބަންގި އާއި ނަމާދު ވަގުތައްވެސް އެންމެން އިހްތިރާމް ކުރަންޖެހޭނެކަމުގައި އަޅުގަޑު ދެކެމެވެ. މިވަގުތަށް ރާއްޖޭގެ ހުރިހާ ފިހާރަ / ސައިހޮޓާ ފަދަ ތަންތަނާއި އަދި އާންމު ޓީވީ ތަކާއި ރޭޑިއޯ ތައްވެސް މެދުކަޑާލަންޖެހޭ ގޮތައް ވަރަށް ކުރީއްސުރެން ސަރުކާރުން ވަނީ ހަމަޖައްސާފައިވުމުން ގާތްގަޑަކަށް މިހުރިހާ ތަންތަނެއް އަދި މަސައްކަތެއް އެވަގުތައް މެދު ކަޑާލައެވެ.

ނަމަވެސް އަޅުގަޑު އަޖައިބުވީ ރާއްޖޭގެ އާންމު ޓީޥީ އިންނާއި ރޭޑިއޯގެ ޒަރިއްޔާއިން ވަގުތުން ފޮނުވާ ރައްޔިތުންގެ މަޖުލީހުގެ ޖަލްސާ ނަމާދު ވަގުތުގައިވެސް ކުރިއަށް ގެންދާކަމެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވަރަށް ފޯރިއާއި އެކު ރޭގަޑާއި ދުވާލު ފުޓުބޯޅަ ކުޅޭ އެކި މިޖާޒުގެ ޒުވާނުން ބަންގި ވަގުތަށް އިޙްތިރާމް ކުރުމުގެ ގޮތުން އުދަގުލުންނަމަވެސް ކުޅުން މެދުކަޑާލާފަދައިން، އެންމެ ކުޑަމިނުން މަޖުލިސްވެސް ހަމައެކަނި ބަންގިއަށް މެދުކަޑާލާނަމަ ތަންކޮޅެއް މަންޒަރު ރިވެތިވެފަ، މަޖުލީހުގައިވެސް ދީނުގެ ކަންތައްތަކަށް އިހްތިރާމްކުރާ ބަޔަކު އުޅެކަން ދީންދެކެ ލޯބިވާ ދިވެހި ރައްޔިތުންނަށް މިސާލެއްފަދައިން ފާހަގަ ކުރެވޭނެކަމަށް އަޅުގަޑަށް ލަފާކުރެވެއެވެ.

މަޖުލީހުގެ މެމްބަރުންނާއި މިއުޅޭ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ގިނަ ލޭބަރުންނާއި މިކަމުގައި ވަރަށް އެއްގޮތް ސިފަތަކެއްހުރެއެވެ. މިލޭބަރުންވެސް ކުރާ މަސައްކަތް ނަމާދު ވަގުތަކަށް މެދުކަޑައެއް ނުލައެވެ. މަސައްކަތުގެ ފޯރި އެގަޑީގައި ޕީކްގައި ޖައްސައެވެ. އެހެންވުމުން ބައެއް މިސްކިތްތަކުގައާއި ގޭގައި ނަމާދުކުރާ މީހުންނަށް ބޮލަށް އުދަގޫވާފަދަ އަޑުގަދަވުމުގެ ސަބަބުން ކުރާ ނަމާދަށް ސަމާލުކަންދޭން ނުހަނު އުދަގޫ ވެއެވެ. އެމީހުން އެވަގުތު އެމަސައްކަތް އެކުރިއަށް އެގެންދަނީ އެމީހުންގެ ވެރީންގެ ކިބައިގައި ދީނުގެ ލޯބި އުފެދުފައިވާ މިންވަރުންނެވެ. ނަމަވެސް މިއެންމެންވެސް ކަޑައެޅިފައި އޮންނަ ކެއުން އަދި ސައި ގަޑިތަކަށް ބަރާބަރު ސުން މިނެޓުގައި ކުރާ މަސައްކަތް ނުހަނު ހުނަރުވެރިކަމާއި އެކު މެދު ކަޑާލައެވެ. އަޅުގަޑު ދެކޭގޮތުގައި މަޖުލީހުގެ މެމްބަރުންނާއި ލޭބަރުން އެނަގާ ބްރޭކް ތައް ނިޒާމީ ނުކުތާއެއްގެ ދަށުން ނަމަވެސް ނަމާދު ވަގުތާއި ދިމާކުރާކަށް މާއުދަގޫ މާބޮޑު މަސައްކަތެއް ކުރަންޖެހޭނެކަމަކަށް އަޅުގަޑަކަށް ހިޔެއް ނުވެއެވެ. ވީމާ އަޅުގަޑު އުއްމީދު ކުރަނީ އިއްޒަތްތެރި މަޖުލީހުން މިކަމާއި ދޭތެރޭ ވިސްނަވާނެ ކަމުގައެވެ. އޭރުން އާންމު ޓީވީއިންނާއި ރޭޑިއޯއިން ވަގުތުން އާންމުކުރާ މަޖްލިސް ވަރަށް ގިނަފަހަރު ވޯޓަށް އަހާ މުހިއްމު ވަގުތު، ޓީވީ އަދު ރޭޑިއޯ ނަމާދު ވަގުތަށް މެދުކަޑާލުމުން އެގެއްލޭ ވަރަށް މުހިއްމު ވަގުތުކޮޅާއި ގާތްގަޑަކަށް 6 ވަރަކަށް މިނެޓްވެސް ދެއްކި، މަޖްލިސް އާންމުންނަށް ވަގުތުން ދެއްކުމުގެ ޕްރޮގްރާމް ފުރިހަމަވެ، މަޖުލީހުގައިވެސް ތިއްބަވާ މެމްބަރުން ދީނުގެ އެންމެ އާދައިގެ ކަންތައްތަކަށްވެސް އިހްތިރާމް ކުރައްވާކަން ރައްޔިތުންނަށް ގަބޫލް ކުރެވޭނެއެވެ. އޭރުން އެމެމްބަރުން ގާނޫން ހެދުމުގައި ދީނުގެ ކުދި ބޮޑު އެންމެހައި ކަންތައްތަކަށް އަހަމިއްޔަތުކަން ދެއްވާނެކަމަށް ރައްޔިތުންނަށް ހީވާނެއެވެ.

Sunday, June 14, 2009

ދިވެހި ނޫސްތަކުން ނޭންގި ނަމަވެސް ރާއްޖެ ބަދުނާމު ކުރެވެއެވެ

އަޅުގަޑުމެންގެ މިކުޑަކުޑަ ގަވްމް އަކީ ބޭރު ފައިސާ ނުލިބޭނަމަ ގަވްމެއްގެ ގޮތުގައި އޮތުމަށް ނުކުޅަދާނަ ގަވްމެއްކަމަށް އަޅުގަޑަށް ގަބޫލް ކުރެވެއެވެ. ސަބަބަކީ އަޅުގަޑުމެން ބޭނުންކުރާ ތަކެތީގެ ގާތްގަޑަކަށް 95 ޕަސަންޓު ތަކެތި އެތެރެ ކުރަންމިޖެހެނީ ކޮންމެވެސް ބޭރު ގަވްމަކުންނެވެ. މިކަމަށްޓަކައި ހަމައެކަނި ބޭނުންވަނީ ބޭރު ފައިސާއެވެ. މިގަވްމް އަށް ބޭރު ފައިސާ ލިބޭ މައިގަޑު އެއް މަގަކީ ޓުއަރިޒަމްއެވެ. ފަތުރުވެރިން ރާއްޖެ އަންނަ މައިގަޑު ސަބަބެއްގެ ގޮތުގައި ރާއްޖޭގެ ޒީނަތްތެރިކަމާއި އަމާންކަމާއި ސުލްހަ މަސަލަސްކަން އަދި ހަމަހިމޭންކަންވެސް ހިމެނެއެވެ.

ހަގީގަތުގައި އެތެރެފުށުން ބަލައިފިނަމަ ކޮންމެ އެހެން ގަވްމްއެއް ފަދައިން މިތަނުގައިވެސް ނިހާޔަތަށް ކުށް ކުރެއެވެ. މިކުށްތަކުގެ ޙަބަރު ދިވެހިންނަށް އެގުން ލާޒިމެވެ. ނަމަވެސް އަޅުގަޑު ދެކޭގޮތުގައި މިކަންތައް އިގިރޭސިބަހަށް ތަރުޖަމާކޮށް އޮންލައިން އަދި ކަރުދާސް ނޫހުގައި ލިއުމަކީ ޙަބަރަކަށް ވިއަސް މިކަމުގެ ސަބަބުން ބޭރު މީހުން ރާއްޖެއާއި ދޭތެރޭ ޒަމާނުއްސުރެން ދެކެމުން އަންނަގޮތް ބަދަލުވެދާނެކަމެކެވެ. އަޅުގަޑު ގަބޫލްކުރާގޮތުގައި މިތަނުގައި ކުރާ ކުށްތަކުގެ ބޮޑުމިނަށް ބަލައިފިނަމަ ފަތުރުވެރިން ބިރު ގަންނާނެ ހިސާބަށް މިކަންތައް ހިގައްޖެއެވެ.

އަޅުގަޑުމެންގެ މިމައިގަޑު ހުރިހާ ރިސޯޓުތަކެއް ކުދި ކުދި ރައްތަކެއްގެ ސިފައިގައި އާންމުންނާއި ވަކިން އޮތުމަކީ އަޅުގަޑުމެންގެ ނަސީބެވެ. ނޫންނަމަ މިތަކުގެ ޓުއަރިޒަމް ހަލާކުވިތާ އެތައް ދުވަހެއް ވެދާނެއެވެ.

އިގްތިސާދީގޮތުން މިފަދަ ދުވަސްވަރެއްގައި މުޅި ދުނީޔޭގެ ޓުއަރިޒަމްގެ ވިޔަފާރިއަށް ސުވައިން ފްލޫގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. ކޮންމެ މީހަކަށްވެސް އެގޭނެފަދައިން ތިމާ ދަތުރުފަތުރުކުރުމުން މިބަލި ތިމާއަށް ޖެހުން ވަރަށް ނާދިރެވެ. ނަމަވެސް ބިރު ގަނެ އިތުބާރު ގެއްލުމުން ދަތުރު ފަތުރުކުރާމީހުން ދަތުރު ނުކުރަނީއެވެ. ބިރު އަދި އިތުބާރު އެއީ ޓުއަރިޒަމްގައި ވަރަށްބޮޑަށް ބަލާއެއްޗެކެވެ. ދާހިލީ ހަގުރާމައިގެ ނުރައްކާކަން ބޮޑުވެފައިވާ ގަވްމްތަކަށާއި ކުށުގެ ރިކޯޑު މަތީ ގަވްމްތަކަށްވެސް ޓުއަރިސްޓުން ދަތުރުކުރާލެއް މަދެވެ. އަދި ބައެއްގަވްމްތަކުން އެފަދަ ގަވްމްތަކަށް ދަތުރުކުރުމުގައި ސަމާލުވުން ނުވަތަ ދަތުރުނުކުރުމަށް އިންޒާރުވެސް ދެއެވެ.

އަޅުގަޑުމެންގެ ނޫސްތަކުންވެސް އިގިރޭސިބަހުން ލިޔާނަމަ ލިޔުން ރަގަޅުވާނީ ގަވްމަށް ފައިދާ ހުރި ލިއުންތަކެވެ. އަދި އިގިރޭސި ބަހުން މިލިޔަނީ ދިވެހިންނަކަށް ނޫނެވެ. އެޢި ހަމައެކަނި ބޭރު މީހުންނަށް ކަމަށް ބެލިދާނެއެވެ. ވީމާ ސަރުކާރުގެ މުއައްސިސާ ތަކުންވެސް މިކަން ކޮންޓްރޯލް ކުރުމަކީ އަޅުގަޑު ދެކޭގޮތުގައި ރާއްޖެ ކަހަލަ ގަވްމަކަށް ވަރަށް މުހިއްމު ކަމެކެވެ.